ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 2019 އިން 2024ގެ ނިޔަލަށް އާސަންދަށް ސްކީމުން 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މުއްދަތުގައި ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކައިފިއެވެ.
އާސަންދައިން ކުރާ ހޭދަތައް ހިމެނޭ އޮޑިޓް ރިޕޯޓުގައި ވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާ، ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާ، އާސަންދަ ސްކީމުން ކުރާ ހަރަދާ، ސްކީމުގެ ބޭރުން ބެސްފަރުވާއަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން 2019 އިން 2024އަށް 35.8 ބިލިއަން ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައިވާއިރު، މިއީ އެވަރެޖުކޮށް އަހަރަކަށް 5.97 ބިލިއަން ރުފިޔާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ސަރުކާރު ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ އާސަންދަ ސްކީމަށް ކަން ފާހަގަކޮށް މި ރިޕޯޓުގައިވަނީ 2019 އިން 2024އަށް ޖުމުލަ 16.1 ބިލިއަން ރުފިޔާ ސްކީމަށް ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ އެވަރެޖުކޮށް އަހަރަކަށް 2.68 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ބޭސްފަރުވާގެ ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވި ނިސްބަތަށްވުރެ ސްކީމުގެ ހަރަދު އިތުރުވެފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2029 އިން 2023އަށް ސްކީމުން ހިދުމަތް ހޯދި މީހުންގެ އަދަދު ހަތް ޕަސެންޓަށް އިތުރުވެފައިވާއިރު ސްކީމުގެ ހަރަދުތައް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މި ސްކީމް ހަރަދުތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ސަބަބުތައް ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 663 ހިދުމަތެއް ސްކީމަށް އިތުރުކުރުމާއެކު، 364 ބޭހެއް އަލަށް ސްކީމަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ތަންފީޒު ކުރުމުގެ ގަވައިދަށް އަމަލު ނުކުރެވުމާ، ސްކީމް ހިންގުމުގައި ހަރުދަނާ ކޮންޓްރޯލްތަކެއް ގާއިމުވެފައި ނެތް ކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި އާސަންދަ ސްކީމްގެ ހަރަދުތައް ހިފެހެއްޓުމުގެ ޒިންމާ ކަމާއި ބެހޭ މުވައްސަސާތަކުން ނުވުމާއި މުވައްސަސާތައް ގުޅިގެން މަސައްކަތްކޮށްފައި ނެތުމަކީވެސް މި ސްކީމް ހަރަދުތައް ބޮޑުވާ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެެ.
އެ މައްސަލަތައް ހައްލުކުރަން އޮޑިޓް އޮފީހުން ދިން ލަފާތަކުގެ ތެރޭގައި، ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒިންމާ އިތުރުކުރުމަށާ ސްކީމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށް ކޯޕޭމެންޓް ސިސްޓަމެއް ތައާރަފުކުރުމަށް ލަފާދީފައިވެއެވެ. އަދި ބޭހުގެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްޕީއާރު) ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު ތަންފީޒުކޮށް، ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުތައް ތަންފީޒު ކުރަމުންދޭތޯ ބަަލަމަށް ވަނީ ލަފާދީފައެވެ. އަދި އާސަންދަ ސްކީމުގެ ސިޔާސަތުތައް ކަނޑައަޅައި، ސްކީމު ހިނގަމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބެލުމަށް ލަފާދީފައިވެއެވެ.
