"ޒަކާތު ކައުންސިލް" ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން ޖަނަވަރީ 15، 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައިވަނީ މި މަގާމަށް ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތައުލީމު ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުންވެސް މަގާމުގެ ޝަރުތުތަކުގެ ތެރޭހައި ހިމެނެއެވެ.