ދުނިޔޭގެ އެކި ގައުމުތަކުގައި ތިބެން ވަނީ އެމެރިކާގެ ގޮނޑިކޮށްކޮ ހެދިގެން ތިބޭ ވެރިންކަމަށް ދެއްކުމަކީ އެމެރިކާއިން ގެންގުޅޭ ހަންފެތުރުމުގެ ނުރައްކާ ސިޔާސަތެކެވެ.

އެމެރިކާގެ ބަހަށް ދީލައި ނުލައި އަދި އެމެރިކާއިން ބުނާހާ ގޮތެއް ނުހަދާ ވެރިންނަކީ 'ދުޝްމަނުން' ކަމަށް މޭރުން ވާގޮތަށް ބަސްމަގު ބެހެއްޓުމަކީވެސް އެމެރިކާއިން ގެންގުޅޭ ސިޔާސަތެކެވެ.

އިއްޔެރޭ މެންދަމު 1:30 ވަނިކޮށް ވެނެޒުއޭލާއަށް ހަމަލާދީ ވައިގެ މަގުން ރިޔާސީ ގަނޑުވަރަށް ފައިބައި އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނަގައިގެން ވަނީ އެމެރިކާ އަށް ގެންގޮސްފައެވެ.

އެއީ މޮޅު ކަމެއްގެ ގޮތުގައި އެމެރިކާ އާއި ބައިވެރިން ދެކޭއިރު، އެއީ ދުނިޔޭގެ ގާނޫނުތަކާއި އުސޫލުތަކަށް ގޮންޖެހުން ކަމުގައި ދެކޭ ފަރާތްތައްވެސް މަދެއް ނޫނެވެ. އަދި ހަމައެހެންމެ އެމެރިކާގެ އެ އަމަލަކީ އެމެރިކާ ބޭނުންވެއްޖެ ކޮންމެ ގައުމަކާ ދެކޮޅަށް އަދި ކޮންމެ މީހަކާ ދެކޮޅަށް ހިންގަފާނެ ކަމުގެ ބިރު އުފެދިގެން ދާ އަމަލެއް ކަމަށް ދެކޭ ފަރާތްތައްވެސް ގިނައެވެ.

މެނުއަލް ނޮރީޖާ ---

ޕެނަމާގެ ރައީސް މެނުއަލް ނޮރީޖާ ވަގަށް ނެގުން

އެމެރިކާއިން އަބަދުވެސް އެ ސަރަހައްދެއްގެ ކޮންޓްރޯލް ބޭނުންވާ ޕެނަމާގައި ހުންނެވި ރައީސް މެނުއަލް ނޮރީޖާ، 1989 ގައި އެމެރިކާއިން ވަގަށް ނެގިއެވެ. އޭރު އެމެރިކާއިން އެކަން ކުރީ، ޕެނަމާގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިމޮކްރަސީއާ ބީރަށްޓެހި އަމަލުތަކާއި ކޮރަޕްޝަނާއި ޑްރަގްގެ ވަގުފިޔަރާރީގެ ތުހުމަތު ނޮރީޖާގެ އިސްތަށިފުޅުގައި އަޅުވާފައެވެ.

ނޮރީޖާ ވަގަށް ނެގުމުގެ ކުރިން، އެމެރިކާއިން ވަނީ އިއްޔެރޭ ވަގަށް ނެގި މަޑޫރޯގެ އިސްތަށިފުޅުގައި އެޅުވިފަދަ އިލްޒާމު އަޅުވާފައެވެ. އޭރުވެސް ބުނީ، ނޮރީޖާ ވަނީ 1988 އިން ފެށިގެން މިއާމީއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ވަގުވިޔަފާރީގައި އުޅުއްވާފައި ކަމަށެވެ. ދެން އޭރު ހިނގި ދެވަނަ ކަމަކީ، 1985 ގައި ޕެނަމާގެ ވެރިއަކަށް ހުންނެވި ނޮކޮލަސް އާރިޑޯ ބަރްލެޓާ ވެރިކަމުން ދުރުކޮށް ނޮރީޖާ ބާރުތައް ނަންގަވައި 1989 ގައި އައި އިންތިހާބު ކެންސަލް ކުރެއްވުމުގެ އިތުރުން ޕެނަމާގައި އެމެރިކާއާ ދެކޮޅު ރޫހެއް އުފަންކުރެއްވުމެވެ.

ވިއެޓްނާމް ހަނގުރާމައަށް ފަހު އެމެރިކާއިން އޭރު ހިންގި އެންމެ ބޮޑު އޮޕަރޭޝަނަކީ ނޮރީޖާ ވަގަށް ނެގުމަށް ހިންގި އޮޕަރޭޝަނެވެ.

ސައްދާމް ހުސައިންގެ ޝަރީއަތް ހިނގަމުން ދިޔައިރުގެ ފޮޓޯއެއް / ފޮޓޯ: އަލްޖަޒީރާ

އިރާގުގެ ރައީސް ސައްދާމް ހުސައިން ރަހީނު ކުރުން

މެދުއިރުމަތީގެ ބާރަކަށް ވަމުން ދިޔަ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ދުނިޔެއަށް އޮޅުވާލުމަށް ފަހު އެމެރިކާއިން އިސްވެ އޮވެ އިރާގަށް އަރާ ހިންގި ޖަރީމާތަކުގެ ތެރޭގައި ރައީސް ސައްދާމް ހުސައިން ރަހީނު ކުރިއެވެ.

9 މަސްދުވަސް ވާންދެން ހަމަލާތައް ދެމުން ގޮސް ޑިސެމްބަރު 13، 2003 ގައި ސައްދާން ހުސައިން ހިފާ ހައްޔާރު ކުރި އިރު، 1980 ގައި ކުރި އީރާން އިރާގު ހަނގުރާމައިގައި އެމެރިކާގެ ބައިވެރިއަކީ ސައްދާމް ހުސައިންއެވެ.

ސައްދާމާ ދެކޮޅަށް އެމެރިކާއިން އުފަންކުރި މައިގަނޑު ދެ ކަމަކީ ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނުމާއި، އިރާގުން އަލްގައިދާއަށް އެހީވާ ކަމަށް ބުނުމެވެ.

އިރާގުގެ ތިކްރީތުގެ ބިންގަރާހަކުން ސައްދާމް ހިފާ ހައްޔަރުކޮށް، އިރާގުގެ ކޯޓެއްގައި އޭނާގެ މައްޗަށް ޝަރީއަތްކޮށް ދަންޖައްސާ އަވަހާރަކޮށްލީ އެވެ.

ޖުއާން އޯލާންޑޯ ހާނަޑޭޒް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައި / ފޮޓޯ: ރޮއިޓާސް

ޖުއާން އޯލަންޑޯ ހާނަޑޭޒް

ހޯންޑޫރާސްގެ ރައީސް ހާނަޑޭޒް އަތުލައިގަތުމުގައި ވެސް އެމެރިކާއިން ކުޅުނީ ފިލްމެކެވެ. ހޮންޑޫރާސްގެ ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހާނަޑޭޒް ހިފާ ހައްޔަރު ކުރީ އޭނާ ވެރިކަމުން އިސްތިއުފާ ދެއްވިތާ ތެދިން ދުވަސްތެރޭގައެވެ.

އޭޕްރީލް 2022 ގައި އޭނާ އެމެރިކާއަށް ގެންދިޔައެވެ. ތުހުމަތު ކުރީ ކޮރަޕްޝަނާއި ޑްރަގްގެ ވަގު ވިޔަފާރިއަށެވެ.

45 އަހަރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށް ޖަލުގައި ހުންނަވަނިކޮށް މިހާރުގެ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ނިމިދިޔަ ޑިސެމްބަރު 1، 2025 ގައި ވަނީ އޭނާއަށް މައާފު ދެއްވާ މިނިވަން ކުރައްވާފައެވެ.

މުރާސިލުން ބުނާގޮތުގައި ހާނަޑޭޒް ދޫކޮށްލުމުން ދޭހަވަނީ އެމެރިކާ އަކީ އަސާސެއް ނެތް ބައެއްގެ ގޮތުގައެވެ. ހާނަޑޭޒް ހައްޔަރު ކުރި ތުހުމަތާއި މަޑޫރޯ ހައްޔަރު ކުރި ތުހުމަތުގައި އެއްގޮތް އެތައް ކަމެއް ހުރި އިރު ހާނަޑޭޒް ދޫކޮށްލީއެވެ.

އެމެރިކާއަކީ އެ ގައުމުން ބޭނުންވާ ސިޔާސަތެއް ތަންފީޒު ކުރުމަށް ނުއުފަންނަ ކަންކަން އުފަން ކުރުވައިގެންވެސް އެ ކަމެއް ހާސިލު ކުރާ ބައެއް ކަމަށާއި އެއީ އުފަންވެފައި އޮތް އަސްލެއްގެ މައްޗަށް ބަލާބައެއް ނޫން ކަމަށް ވެސް ދިރާސާ ވެރިން ބުނެއެވެ.

އެމެރިކާއިން އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. 'ތިމަންމެނާ ވާދަ ކުރެވޭނެ ބަޔަކު ނުތިބޭނެ' ކަމަށެވެ. އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އަދި މުއްސަނދިކަމުގެ ގޮތުންނެވެ.

އެ ގަދަކަމުގައި އެމެރިކާއިން ދުނިޔެ ކުޑަކަކޫ ޖައްސުވަން މަސައްކަތް ކުރާ އިރު، އަދި ގޮތެއް ހަދާ ނުލެވެނީ، ރަޝިއާ އާއި ޗައިނާ އަށެވެ. ނަމަވެސް އެ ގައުމުތައް އިނދަޖައްސާލުމުގެ މަސައްކަތް އެކި ދާއިރާތަކުން ރޭވިގެން ކުރަމުން ދާއިރުވެސް އަދި މިހާތަނަށް އެ މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ.