ކްލިނިކްތަކުން އާސަންދަ ލިބޭނެ ގޮތް އަވަސް ކުރުމުގެ ކަންކަން ފަށާފައިވާ ކަމަށް އެންސްޕާ އިން ބުނެފިއެވެ.
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ކުރި ކަންތައްތަކުގެ ތެރޭގައި ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތައް ހިމެނޭއިރު، ބައެއް މީހުން ވަނީ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ލިބުން ލަސްވާކަމަށް ބުނެފައެވެ. އަދި އާސަންދަ ނުދޭ ކްލިނިކްތަކަށް އާސަންދަ ދިނުމަށް ވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން، އެންސްޕާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ހިޔާލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ގަވާއިދުތަކާ، އުސޫލުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާ، މައުލޫމާތު ފުރިހަމަކޮށް އިއްޔެގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ވީ އެންމެ އަވަހަކަށް ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށެވެ.
އެ ކްލިނިކުތަކަށް އަންނަ ޖެނުއަރީ މަހު 31 ގެ ކުރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދީ ނިންމުމަށް އާސަންދައިން ކަނޑައަޅާފައިވާއިރު، އެ އިދާރާ އިން ރޭ ވަނީ ހިޔާލު ހުށަހެޅި ކަންކަމަށް ހައްލެއްގެ ގޮތުން އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.
