ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން 6 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާ، ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) ކަމަށެވެ. މި އެންމެންނަކީ ވެސް ނޭޕާލް މީހުންކަން ފާހަގަކޮށް ފުލުހުން ވަނީ މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.