މިއަހަރުގެ މިހާތަނަށް 967 ސައިކަލު ވައްކަން ކޮށްފައިވާކަމަށާއި އޭގެތެރެއިން 865 ސައިކަލު ވަނީ ހޯދާ ވެރިފަރާތާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ޕޮލިސް ކޮންފެރެންސެއްގައި މާލެ ޕޮލިސްގެ ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ މި އަހަރު މިހާތަނަށް މާލެ ޕޮލިސް ކޮމާންޑުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކާއި، ކުރެވުނު ތަހުގީގުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ރަޝީދު ވިދާޅުވީ މާލެ ޕޮލިސްގެ ދަށުން މައިގަނޑު ގޮތެއްގައި ކުރެވޭ މަސައްކަތަކީ މާލެއާއި، ވިލިމާލެ އަދި ތިލަފުއްޓަކީ ކުށްމަދު، ކުށުގެ ބިރުވެރިކަން ކުޑަ އަދި އާންމުންނަށާއި ވިޔަފާރިތަކަށް އަމާންތަނަކަށް ހަދާދިނުން ކަމަށެވެ.

ރަޝީދު ވިދާޅުވީ ތަހުގީގު ކުރެވުނު މައްސަލަތަކަށް ބަލާއިރު 2023 ވަނަ އަހަރު މާލެ ސަރަހައްދަށް 6922 މައްސަލަ ހުށަހެޅިފައިވާއިރު، 2024 ވަނަ އަހަރު 6246 އަދި 2025 ވަނަ އަހަރު 4145 މައްސަލަ ހުށަހެޅިފައިވާކަމަށެވެ. މީގެތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރަީދު ވިދާޅުވީ މި އަހަރު ވައްކަމުގެ 2288 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

ރަޝީދު ވިދާޅުވީ އެންމެ ގިނައިން ވައްކަން ކޮށްފައިވަނީ ސައިކަލު ކަމަށާއި، އެގޮތުން ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ ތެރެއިން 67 އިންސައްތަ އަކީ ސައިކަލު ވައްކަން ކަމަށާއި ދެން އެންމެ ގިނައީ މޮބައިލް ފޯނު ވައްކަން ކަމަށެވެ. އެއީ 2 އިންސައްތަކަމަށް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރަޝީދު ވިދާޅުވީ ވައްކަން ކުރާ ސައިކަލު ރިކަވާ ކޮށްދިނުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް ކަމަށާއި އެގޮތުން މި އަހަރު މިހާތަނަށް 967 ސައިކަލު ގެއްލިފައިވާއިރު އޭގެތެރެއިން 865 ސައިކަލު ހޯދައިދީފައިވާކަމަށެވެ. އެއީ ގެއްލުނު ސައިކަލުގެ 89 އިންސައްތަކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އެއީ 47 މިލިއަން ރުފިޔާކަމަށެވެ.

ރަޝީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ 911 އަށް މި އަހަރު އެވްރެޖްކޮށް 1500 ކޯލް އައިސްފައިވާކަމަށާއި، އެ ކޯލްތަކަށް 2-5 ސިކުންތު ތެރޭ އެޓެންޑުވެފައިވާކަމަށެވެ. ޕޮލިސް ސްޓޭޝަންތަކުން ކޮށްފައިހުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން ރަޝީދު ވިދާޅުވީ އެކި އެކި ކުށްކުރާ ނުވަތަ ތަކުރާރުކޮށް ކުށްކުރާ ފަރާތްތައް 58،544 ފަހަރު ހުއްޓުވާ ސުވާލުކުރެވިފައިވާކަމަށާއި، ވެހިކަލް ޗެކުކޮށް 13،445 ވެހިކަލް ބަލާ ފާސްކުރެވިފައިވާކަމަށެވެ.