ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ 'ލިޓް ފެސްޓް' ހަފްތާ ބަންދުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި މަހުގެ 25،26 އަދި 27 ވަނަ ދުވަހު ބާއްވާ މި ފެސްޓިވަލަކީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ ފެސްޓިވަލްއެއް ކަމަށެވެ. މި ފެސްޓިވަލްގައި އާޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އާޓް ސްޓޭޝަން، ކްލޭ އާޓްސް، ހެނާ އާޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އާޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އާޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިން ފަދަ ހުނަރުތައް ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާ ހަރަކާތްތަކަށް ހިނގާނެ ހަރަދު މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށާއި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް މިނިސްޓްރީން ހޯދައިދޭނެ ކަމަށެވެ. އަދި 3 ދުވަހަށް ކުރިއަށް ދާ މި ފެސްޓިވަލް އަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުސަތު އެ ބައިވެރިންނަށް ލިބިގެން ދާނެކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ، ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާ، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ މިނިނިސްޓްރީން ބުނެފައި ވެއެވެ.