ކޯޑިން ދާއިރާއަށް ޝައުުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ޔޫތު ހެކަތޯން 2025 ފަށައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން މި އަހަރު ބައިވެރިވެފައިވާ ކަމަށާއި މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެއް ކަމަށެވެ. ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށަހަޅާނެއެވެ.
މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މި އަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެން ދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުވެރިކަން ކަމަށެވެ.
މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައި ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. 1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސާގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އާ އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ހެކަތޯން ކުރިއަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
