ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ސްކޭމް ކޯލްތައް ރިޕޯޓުކުރުމަށް ޕޯޓަލްއެއް ހަދައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޖަލުގައި ތިބޭ ގައިދީން އެކިފަރާތަތްކަށް ގުޅައި ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގަމުން ދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި ފަދަ ކޯލްތައް ރިޕޯޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ, މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕޯޓަލް މެދުވެރިކޮށް ރިޕޯޓް ކުރުމަށް އެދިފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިފަދަ ސްކޭމްތައް ކުރުމުގައި ޖަލުތަކުގައި ތިބޭ ގައިދީން ބައިވެރިވަމުންދާ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެފައިވާއިރު ޖަލުތައް ބަލައި ފާސްކޮށް, ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ފޯނު ވެސް އަތުލައިގަންނަމުންދެއެވެ.

އެކި ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޯބައިލް ފޯނަށް މެސެޖުގެ ޒަރީއްޔާއިން އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށާއި އެފަދަ އަމަލެއް ކުރާ ކަމުގެ ތުހުމަތު ވާ ނަމަވެސް ވީ އެންމެ އަވަހަކަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.