މ. ގްރީން ބިލްޑިންގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 3 މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫ އެރުމާ ގުޅިގެން ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ދީިފިއެވެ.
އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޗައިނާ ސަރުކާރުން ދިން އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.
ޒަމީރު ވިދާޅުވީ 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.
ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި އެއީ 2 ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ 2 ގައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާއެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
މީގެއިތުރުން ޒަމީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްގީއާއި ތަރައްގީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެކު ހެންޑޯވާ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާފައެވެ.
