ކަނޑު މަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 10،000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެ ފާހަގަކުރެވިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިނގްގި މި އޕަރޭޝަންގައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ކަސްޓަމްސްިއން ބުނެއެވެ.

އެގޮތުން އެ ޝިޕްމަންޓްގެ ތެރޭގައި ފޮރުވާހުރި ވޭޕް ކާޓްރީްތަކެއް ފެނިފައިވާ ކަމަށާއި ފެނުނު ކާޓްރީޖްގެ ޖުމްލަ އަދަދި 10،800 އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިހާރު އެ ތަކެތި ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނާގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އތެރެކުރުމާއި ވިއްކުމާއި ބެހުން ވެސް މަނައެވެ. ރާއްޖޭގައި މިބާވަތުގެ އެއްޗެއް ވިއްކައި ނުވަތަ ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

ކަނޑުމަގުން އެތެރެ ކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިން ވޭޕް ކާތްރިޖްތަކެއް ފެނިފައިވާ އިރު، ދާދި ފަހުން ވަނީ ރާއްޖޭގައި ވޭޕް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުހައި ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައި އެ ގޮތުން ބަލައި ފާސްކުރި ސައިކަލުތަކުގެ މަޑި ދަށުން ވަނީ 89 ވޭޕް ކާޓްރީޖް، އަދި ބަލައި ފާސްކުރި އެޕާޓްމަންޓްތަކުން ވަނީ 59 ވޭޕާއި ކާތްރިޖް އަތުލައިގެންފައެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން ވޭޕް ވިޔަފާރިކުރުމަށް ހިންގަމުންދިޔަ ފޭސްބުކް ޕޭޖެއް ވެސް ވަނީ ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.