ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފިއެވެ.

ހައި ކޯޓުން ބުނީ، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން އިއްޔެ ނިޔާޒު ވަކިވެވަޑައިގެންފައިވާ ކަމަށާއި އިއްޔެ އަކީ އެ ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި ނިޔާޒު މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަސް ކަމަށެވެ.

ފަނޑިޔާރު ކަމުން ރިޓަޔާވުމަށް ނިޔާޒު ޖޭއެސްސީއަށް ހުށަހަޅުއްވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ނަމަވެސް ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބު ސާފެއް ނުވެއެވެ.

ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާ އިރު، އޭނާއާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވެފައިވާ އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހުއެވެ. އސެޕްޓެމބަރު 30، 2002 ގައި އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އޭނާ އަޔއްަން ކޮށްފައި ވަނީ ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އެއަށްފަހު ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައި ވެއެވެ. ހައިކޯޓުގެ ފަނޑޔާރު ކަމަށް އޭނާ އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރު ކުރީ ކޮޅުގައެވެ.