ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ބޯޑުގެ ޗެއާޕާސަން ކަމުގެ މާގަމަށް މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި"ގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ ޗެއާމަން ކަމަށް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެވެ.

މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ކުރިން ހުންނެވި ޑރ. ޝާހު މާހިރެވެ. އަދި ހަމަ އެހެންމެ ޗެއާމަނާއި އެމްޑީއާއެކު ޑިރެކްޓަރުންގެ ބޯޑުގައި މި ވަގުތު 6 ބޭފުޅުން ތިއްބަވައެވެ.

މީގެ އިތުރުން ވެސް ޕީސީބީން ވަނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް ޝަހީދު މުހައްމަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ޝަހީދަކީ އާސަންދަ ކުންފުނީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ބީސީސީއަކީ ދިވެހި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހި ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.