އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
އައްޑޫގެ ފެނަކަ ބްރާންޗުން ބުނީ އިންޖީނަކަށް މައްސަލައެއް ދިމާވެ އައްޑޫގެ ޕަވާ ހައުސް ޑައުންވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހަައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަރަންޓު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ނަޖާހް ވިދާޅުވި ގޮތުގައި 2019 އިން ފެށިގެން 2023 އާ ދެމެދު 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. އެހެންނަމަވެސް އޭގެތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހާ ޖަނަރޭޓަރެއް ހަލާކުވެފައިވާކަން ފާހަގަކޮށް ނަޖާހް ވިދާޅުވީ އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު މައްސަލަ ދިމާނުވެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ރޯދަމަހަށް އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އައްޑޫއަށް ގެންދާނެ ކަމަށް ނަޖާހް ވަނީ ވިދާޅުވެފައެވެ. އަދި ހަލާކުވެފައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން މަރާމާތުކޮށް ބޭނުންކުރެވޭ ހުރިހާ ޖަނަރޭޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވަމުން ނަޖާހް ވިދާޅުވެފައިވަނީ އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އައްޑޫގައި މިހާރު ލޯޑް ބޮޑުވާއިރު، އަރަނީ 13 މެގަ ވޯޓުކަން ފާހަގަކޮށް ނަޖާހް ވިދާޅުވީ ރަމަޟާން މަހަށް ގެންނަ އިތުރު ޖަނަރޭޓަރާއިއެކު ލޯޑު ހިފެހެއްޓޭނެ ކަމަށެވެ.
