ބޭފް އަދި ވޭޕް ކާތްރިޖް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ ގެއަކާއި ދެ އުޅަނދު ފާސްކޮށް، ވިޔަފާރުކުރަން ހިންގަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބަލައި ފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން މި މައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި ކަަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް މި މައްސަލައިގައި މީހަކު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނާގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމާއި ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.