ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ކަމަށާއި، މިރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއ،ި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރުކަޒެއް ކަމަށާއި، ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމާއެކު ގައްދޫއިން ލިބޭ ފަރުވާ ފުޅާވެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގުފަހި ވެގެންދާނެ ކަމަށެވެ.
އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްހީ ހިދުމަތްދޭ ބްލޮކެއް ހަދަން ހަމަޖެހިފައިވާކަމަށާއި، އަދި 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ހިދުމަތްދޭ ބްލޮކަކާއ،ި 3573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާނެ ކަމަށެވެ.
މިއީ 101.70 މިލިއަން ރުފިޔާގެ 600 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
