ގެއްލުންދޭ ތަކެއްޗާއި ގެއްލުންދޭ ކަންކަން ހަރާމްކަން ފާހަގަކޮށް، ދުންފަތާ ދުރުވުމަށް ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ "ދުންފަތުން ލިބޭ ގެއްލުންތައް" މި މައުޟޫއަށެވެ.
އިސްލާމް ދީނުގައި ހަރާމްކުރައްވައިފައިވަނީ ނިސްބަތުން ވަރަށް މަދު އެއްޗެއް ކަމަށާއި އެއީ އެ ތަކެތީން ލިބިދާނޭ ބޮޑު ގެއްލުމަކަށް ޓަކައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ ދުންފަތަކީ ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން ދިރާސާތަކުން ސާބިތުވެފައިވާ ކަމަށެވެ. އަދި އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލުމަށް މާތް ﷲ އަންގަވާފައިވާއިރު، ބުރަ މަސައްކަތުން ހޯދާ ފައިސާ އަމިއްލަ ހަށިގަނޑަށް ގެއްލުންހުރި އަދި ބޭކާރު ގޮތުގައި އަމިއްލަ އަތުން އަލިފާން ޖަހައި އަންދާލަން ހެޔޮވާނީ ކިހިނެތް ކަމާމެދު ހުތުބާގައި ވަނީ ސުވާލުއުފައްދާފައެވެ.
ގެއްލުންދޭ އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭ ކަމަށާއި އެފަދަ ކަމެއް ކުރުމަކީ ހަރާމްކަމެއް ކަމަށް އިލްމުވެރީން އިއްތިފާގުވެވަޑައިގެންފައިވާކަން ހުތުބާއިގައި ފާހަގަކޮށްފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލަސްލަހުން އަމިއްލަ ނަފްސު މަރައިލުމޭ ކިޔާކަން ފާހަގަކޮށް ހުތުބާގައި ބުނީ އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.
ވިހައެއް ބޮއިގެން، މަރުވާ މީހާ އެ ވިހަ ބޮމުންދާ ހާލު ނަރަކައިގައި ތާއަބަދަށް ދެމި ހުންނާނެކަން ހުތުބާގައި ބުނެފައިވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އިސްރާފެއް ކަމަށާއި އިސްރާފުކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވައިފައިވާ ކަމެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްރާފުކުރާ މީހުންނަކީ ޝައިތޯނުންގެ އަހުންކަން ހުތުބާއިގައި ފާހަގަކޮށްފައިވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމާއި ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވުމުގެ އިތުރުން އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭކަން ހުތުބާގައި ބުނެފައިވެއެވެ.
