އުރީދޫ ގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިން އާ ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އެގޮތުން މި ޑިސެމްބަރު މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން ބައްދަލުކުރާނީ ކުއްޅަވަށްފަލު ރަނިންނެވެ.
ކުއްޅަވަށްފަލު ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެންކުއްޖެކެވެ. ރަސްމީ ދަތުރުފުޅެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނިބައްލަވައިގެން އެކުއްޖާ ގެންދިޔައެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ ކޯޗެއްކަންވެސް ހަނދާންނެތި ދިޔައެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލިއެވެ. އަދި އޭނާއަށް އެތަނުގައި ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ.
މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށް އުރީދޫއިން ބުނެއެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަަމަށް ވެއެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އުރީދޫއިން ބުނެއެވެ. އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތު ދެއެވެ.
