ޒަކާތު ފަންޑުން އިންވެސްޓުކުރެވޭ ގޮތް ހަދައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ) އިން ބަލަހައްޓާ ގޮތަށް ޒަކާތު ބިލު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ހުށަހެޅުއްވި ބިލުގެ މައިގަނޑު މަގުސަދަކީ ޒަކާތު ފަންޑަށް ލިބޭ ފައިސާއިން ފުއްދުންތެރި ކަން އިތުރުކޮށް، އެ ފައިސާއިން އިތުުރު މަންފާ ހޯދުމަށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންވެސްޓުކުރެވޭނެ ގޮތް ހެދުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ދިރާސާކުރި އިޖްތިމާއީ ކޮމިޓީން ބިލަށް ދެ އިސްލާހެއް ގެނެސްފައިވެ އެވެ. އެގޮތުން ބިލު ހުށަހެޅިއިރު އޮތީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަލަހައްޓާ އެ ފައިސާ ދޫކުރުމަށް އަދި އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް ރަނގަޅު ފައިދާއެއް ހޯދުމަށް 'ޒަކާތު ފަންޑު'ގެ ނަމުގައި ފަންޑެއް އުފައްދަން ހުށަހަޅާފައެވެ. މި ބިލަށް ކޮމިޓީން ގެނައި އިސްލާހަކީ، 'ޒަކާތުގެ ފަންޑު' އުފެއްދުމާ އެކު، އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް އެކައުންޓާ ވަކިން އެމްއެމްއޭގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައި ކަމަށެވެ.
މި ބިލަށް ދެން ގެނައި އިސްލާހަކީ އެ މާއްދާގެ ފަހަތަށް 'ފަންޑުގެ ކަސްޓޯޑިއަން' ނަމުގައި މާއްދާއެއް އިތުރުކުރުމެވެ މި މާއްދާގައިވަނީ ކާތު ފަންޑުގެ ކަސްޓޯޑިއަނެއްގެ ގޮތުގައި މަސައްކަތްކުރާނީ އެމްއެމްއޭ ކަމަށާއި ކާތު ފަންޑުގެ ކަސްޓޯޑިއަން ހަވާލުކުރުމުގެ ގޮތުން ޒަކާތު ހައުސް އާއި އެމްއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން ޖެހޭނެކަމަށެވެ.
ކަސްޓޯޑިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ޒަކާތު ފަންޑުގެ އެކި އެކައުންޓުތައް އެމްއެމްއޭގައި ހުޅުވައި ބަލަހައްޓައި ފަންޑުގެ އިންފްލީ އަދި އައުޓްފްލޯ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރުން ކަަމަށް ބަޔާންކޮށްފައިވެއެވެ. ކަސްޓޯޑިއަންގެ ހިދުމަތްތަކަށް ފީއެއް ކަނޑައަޅައި އެ ފީ ނެގުމަށް މި ގާނޫނުގައި ހުރަހެއް ނެތްއިރު، މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތާއީދާ އެކުއެވެ. މި ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
