ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރައުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ހިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބްއާއި ބޯޑު މެންބަރުންނެވެ. މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ. 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ހިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސާ ހަސަން ޝާމަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
އަދި ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ.
"މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބާގައި ހުންނަ ރަގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާ އަދި ހާއްސަކޮށް އެ މުއައްސަސާއެއްގެ “މިޝަން” ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން އެހެންކަމުން މި ބޭންކު މިއަދު ކާމިޔާބުކަމާއި އެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އެވޯޑު ލިބުނު މުވައްޒަފުންނާ މުހާތަބުކުރައްވާ ޝަރީފް ވިދާޅުވިއެވެ.
99 ޕަސެންޓަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވައެވެ.
މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން " އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކައްގައި ބޭންކަށް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
