ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށް، ސުވާލުކުރި ފަހުން ފުރަން އުޅެނިކޮށް މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު އޭނާ ބޭރު ގައުމެއްގައި އުޅުމަށްފަހު މިއަދު އެނބުރި ރާއްޖެއައުމުން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ފުލުހުން މިރޭ ބުނީ، ސަނީ އުމަރު އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އޭނާ ފުރަން ގޮސް ހުރީ ކޮން ގައުމަކަށް ކަމެއް ސާފެއް ނޫނެވެ.

ސޯޝަލް މީޑިއާގައި ފެންމަތިވި އެ މައްސަލައަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.

އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ސަނީ އުމަރު ވަނީ ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް އިތުރު ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.

އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީއަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެ ކުންފުނިން އޭނާ ވަކިކޮށް ހިއްސާތައް އަތުލަން ނިންމާފައިވާކަން ހާމަކޮށް ނެރުނު އެ ނޫސް ބަޔާނުގައި ބުނީ، ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"[ސަނީގެ] ހިއްސާތައް މި ކުންފުނީގެ ތެރޭގައި ހުންނާނެ، އަދި ބޭރުގެ އެއްވެސް ފަރާތަކަށް ހިއްސާއެއް ނުވިއްކާނެ، [ހިއްސާތައް ބަދަލުކުރުމުގެ] ކަންކަން ކުރިއަށްދާނީ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކުގެ ތެރެއިން، މި ކަންކަން ވީއެންމެ އަވަހަކަށް ކޮށް ނިންމާނަން،" އެ ބަޔާނުގައިވެއެވެ.

ހަމަ އެހެންމެ ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ވަނީ ބުނެފައެވެ.