'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓާ 2' ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް ހުޅުވައިިފިއެވެ.

އެސްޓީއޯއިން ދަނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރި 23 ބާވަތް، 15 އޮކްޓޯބަރުން ފެށިގެން ބާޒާރަށް ނެރެ ވިއްކަމުންނެވެ.

މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން 'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2' ގެ ނަމުގައި ބާޒާރު މަތީ އާ ފިހާރަ ހުޅުވާފައި ވަނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.

ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް:

ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 08:30 – 12:00 އަށް އަދި މެންދުރު 13:00 – 17:00 އަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އެސްޓީއޯއިން ބާޒާރުމަތީ އަލަށް ހުޅުވި ފިހާރަ

މި ފިހާރަ ހުޅުވުމާއެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް ވެއެވެ. އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާއިރު މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.