ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރު ފާއިޒް އަމަލުކޮށްފައިވާކަން، ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އޭނާގެ މި އަމަލަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 2.1 އާއި، 3.1 ގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން ގާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖުޑީޝަލް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.
އެނގިފައިވާ ގޮތުގައި އޭރު އޭނާ ސަސްޕެންޑު ކުރީ އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ގޭ ބަންދަށް ދޫކޮށްލި މައްސަލައިގެ އިތުރުން މަސްތުވާތެކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމުން ޝަރުތެއްނެތި ދޫކޮށްލި މައްސަލަ އާއި ގުޅިގެންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ވެސް ހިމެނިވަޑައިގަންނަވާ ފާއިޒް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ވެސް ސަސްޕެންޑުކޮށްފަ އެވެ. އޭރު ސަސްޕެންޑުކުރީ ޔާމީންގެ މައްސަލާގައި ހުކުމް ކުރި ގޮތާ ގުޅޭ ގޮތުން ލީކުވި އޯޑިއޯއެއްގެ މައްސަލައެއްގައި ނަމަވެސް ފަހުން، އެ މައްސަލަ ސާބިތުނުވުމުން ސަސްޕެންޝަން އުވާލީ އެވެ.
