ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން އައްޑޫ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ނަޖާހް ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ މާކުރިންވެސް އޮތް މައްސަލައެއް ކަމަށާއި މިއަދު މި މައްސަލަ ދިމާވެގެން އުޅެނީ، މީގެކުރިން މިކަން ހައްލު ކުރުމަށް މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށެވެ.
އިތުރަށް ނަޖާހް ވިދާޅުވީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ދައްކާ ކަމަށެވެ. މީގެތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހަލާކުވެފައިވާކަން ފާހަގަކޮށް ނަޖާހް ވިދާޅުވީ އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު މައްސަލަ ދިމާނުވެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ހާމަކުރައްވަމުން ނަޖާހް ވިދާޅުވީ މި ރޯދަމަހަށް އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އައްޑޫއަށް ގެންދާނެކަމަށެވެ. އަދި ހަލާކުވެފައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން މަރާމާތުކޮށް ބޭނުންކުރެވޭ ހުރިހައި އެއްޗެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. "ބޭނުންވާ މެޓީރިއަލްސް ސްޕެއާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލިބި މަސައްކަތް ފެށި އިރާދަކުރެއްވިއްޔާ ހެދެން ހުރި ހުރިހައި އެއްޗެއް ހެދި އަޕްކޮށް ގާތްގަނޑަކަށް 16 ނުވަތަ 17 މެގަ ވޮޓް މިބަލަނީ ސިސްޓަމްއަށް ގެނެވޭނެތޯ." ނަޖާހް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވަމުން ނަޖާހް ވިދާޅުވީ އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އައްޑޫގައި މިހާރު ލޯޑް ބޮޑުވާއިރު، އަރަނީ 13 މެގަ ވޯޓުކަން ފާހަގަކޮށް ނަޖާހް ވިދާޅުވީ ރަމަޟާން މަހަށް ގެންނަ އިތުރު ޖަނަރޭޓަރާއިއެކު ލޯޑު ހިފެހެއްޓޭނެ ކަމަށެވެ.
