ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ޓްރެންޑްގައި އުރީދޫއިން ވެސް ބައިވެރިވެއްޖެއެވެ.
މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ އެ ޓްރެންޑަކީ ކަސްޓަމަރުންނާ އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ. މިއަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށްވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވެސް ވަނީ އެ ފޯމެޓު ބޭނުންކޮށް މައާފަށް އެދިފައެވެ.
އުރީދޫއިން ބުނީ، ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަންއަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިއަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށާއި މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއެކު މަޖާކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެންދިޔަ ކަމަށެވެ.
"މިއަދު އޮންލައިންކޮށް ކުރިއަށްގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް މިއަދު މެންދުރުފަހު 2:00 ގައި ފެށިގެންގޮސްފައިވާ ކަމަށެވެ.
އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ އަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލާ ތުރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ.
"އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް" ޓްރެންޑުގައި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމަކީ އެ ކުންފުނިން ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
