އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ހާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެނަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިހްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ގެ ހަޟްރަތުގައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަޙުމަތް ލެއްވުން އެދި ދުއާ ދަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާ މަރުހޫމާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތް އަންހެނަކު ކުއްލިއަކަށް ހާލު ދެރަވެ، މަރުވި މައްސަލައެއް އަންނަނީ ބަލަމުންނެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ (28އ) ނިޔާވީ އިއްޔެ ފަތިހު ގާތްގަނޑަކަށް 4:39 ހާއިރުއެވެ.