އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތް އަންހެނަކު ކުއްލިއަކަށް ހާލު ދެރަވެ، ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ (28އ) ނިޔާވީ މިއަދުގެ ފަތިހުގައެވެ.

އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މާބަނޑުމީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އިރު ރޭގެ ފަތިހުގެ ވަގުތާ ހަމައަށް ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. އަދި މެޑިކަލްޓީމާ އެކު މާބަނޑު އަންހެންމީހާ ދިޔައީ ކަންތައްތައް ހިއްސާކޮށް ވާހަކަ ދައްކަމުން ކަމަށާއި އެއްވެސް ކަހަލަ އިތުރު މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ.

އެހެންނަމަވެސް މިއަދު ފަތިހު ގާތްގަނޑަކަށް 4:39 ގައި، ބަލިމީހާ ކުއްލިއަކަށް ފިޓު ޖެހުނުކަމަށް އައިއެމްޑީސީން ވަނި ބުނެފައެވެ. އަދި އެވަގުތުން ފެށިގެން ބަލިމީހާ އަށް ފަރުވާދޭން ފަށާފައިވާ ކަމަށާއި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާއެކު ކުއްލި އޮޕަރޭޝަނެއްކޮށް ދަރިފުޅު ނަގާފައިވާކަމަށް އައިއެމްޑީސީން ވަނީ ބުނެފައެވެ. އަދި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުނު ނަމަވެސް އަންހެންމީހާގެ ހާލަތު ނާޒުކު ވުމުން ވަގުތުން އައިއެމްޑީސީ އިން އެމަޖެންސީގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަލިމީހާ ގެންގޮސްފައި ވާކަމަށް މި ބަޔާނުގައި ވެއެވެ. އެކަމަކު އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް އައިއެމްޑީސީން ބުނީ މިއީ 2011 ވަނަ އަހަރު އައިއެމްޑީސީގައި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީގެ ހިދުމަތްތައް ތައާރަފްކުރި ފަހުން މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރުކަމަށެވެ. އަދި ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޓީމުން މި ކުއްލި ހާލަތުގައިވެސް އަވަހަށް، އެންމެ މަތީ ފެންވަރުގެ އަވަސް ފަރުވާއެއް ބަލިމީހާއަށް ދިނުމަށް މަސައްކަތްކޮށްފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އައިއެމްޑީސީން ބުނީ މި މައްސަލަ ހެލްތް މިނިސްޓްރީ އާއި އަދި ގުޅުންހުރި އެހެނިހެން ހުރިހާ އިދާރާތަކުން ބަލަމުންދާކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެ ހޮސްޕިޓަލުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.