ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދު ނުކުރައްވާކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވަނީ ވިލިމާލޭގެ ޢުމްރާނީ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ބުރިޖާ، މަގުހެދުމާ، ހައުސިން ޔުނިޓާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމުގައިވެސް، ރަށުގެ ވެށި، ފެހިކަން މަތީ ދެމެހެއްޓެވުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދުކުރައްވާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ރަށުގައި ހުރި ގިނަދުވަސްވީ ދެ ގަހެއްގެ ސަބަބުން، ދިމާވާ މައްސަލައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، އެ ދެ ގަސް ނެގުމަށް ނިންމަވާފައެވެ.
