އާންމު ސިއްހަތު ނިޒާމު ވަރުގަދަކުރުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރެއްވި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު ހަވީރު މާފަންނު، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސެންޓަރަކީ މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް، ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާ ގޮތަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.
އާބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުލްރައްޒާގް ހަލީމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަހައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިއްހީ ސިޔާސަތާ އެއްގޮތަށް، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ފަރުމާކޮށްފައި ވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވެގެންދާނެ ހިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.
މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް ވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް އެ ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް އެ ސެންޓަރުން ލިބޭނެއެވެ.
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްގީކުރައްވާނެއެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.
މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވައި، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ގިނަ އަދަދެއްގެ ހިދުމަތްތެރިން ބައިވެރިވެވަޑައިގަތެވެ.
