އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރުކަމަށާއި ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ.

އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާ ކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ކުރިއަށް އޮތް އަހަރުގައި ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރީޖަނަލް އެއަރޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ މި ދެ އެއާޕޯޓު ތަރައްގީކޮށް ނިމުމުން، އެ ދެ ސަރަހައްދަށް އިތުރުކުރާ ޓޫރިސްޓް އެނދުތަކާ އެކު، ރާއްޖޭގައި ޓޫރިޒަމް އެންމެ ބާރަށް ކުރިއެރި ދުވަސްވަރު ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އައި ވަރުގެ ކުރިއެރުމެއް، އިގުތިސާދަށް އަންނާނެ ކަމަށެވެ.

އިތުރަށް ޒަމީރު ވަނީ މި އަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ހަރަދުތައް ބަހައްޓައި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަން ފާހަގަކުރައްވާފައެވެ.