ކިތަންމެ ރަނގަޅު ނިންމުމެއް ނިންމެވި ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އާދަކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސިފަކުރައްވައިފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއް ކަމުގައެވެ.
މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ނަފުސާނީ އަދި ސިއްހީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވާ މިހާރު ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ފެންނަމުންދަނީ ރައްޔިތުން ގަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާތަންކަމަށެވެ.
ސަރުކާރުން ނިންމެވުންތައް ނިންމަވާއިރު، އެއާ ގުޅިގެން އަންނަ އެހެނިހެން ކަންކަމަށްވެސް ރިއާޔަތްކުރައްވާ ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުންދާ ކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ފެއްޓެވިއިރު، ތަންފީޒުކުރާ އިދާރާތަކަށް ގާނޫނީ ބާރުވެރިކަންދީ، އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ރީހެބިލިޓޭޝަން ނިޒާމުތައް ހަރުދަނާކުރެއްވި ކަމަށެވެ.
