ދިވެހި ފޯކްލޯ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށް ބިނާކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން މި ނޮވެމްބަރު މަހު ބައްދަލުކުރާނީ ދޮން ހިޔަލަކަމަށް އުރީދޫ އިން ބުނެފިއެވެ.
އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް މިވަނީ ފަހިކޮށްދީފައިވާއިރު އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔާލަ އޭނާގެ މައިންބަފައިން ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލީ ފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ގޮންޖެހުމަކާ އެކު އެ ދެ މީހުން ކައިވެނި ކުރެއެވެ. ނަމަވެސް އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި ރަސްގެފާނު ހަސަދަވެރިވިއެވެ. އަދި ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރީ މި ކަލަންޑަރުގައި ހިމެނޭ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެއް ކަން ފާހަގަކޮށް އުރީދޫ އިން ބުނީ މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށާއި އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އުރީދޫ އިން ބުނީ ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
