އަތޮޅުތަކުގައި ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ހއ. އުތީމުގައި ބޭއްވި ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެފަދަ މުބާރާތެއް އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިއުމަކީ ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަތޮޅު މުބާރާތްތަކަކީ ކުޅިވަރުގެ އިތުރަށް އިގުތިސޯދީ މަންފާތަކެއްވެސް ލިބިގެންދާ މުބާރާތްތަކެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވެވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. މި މެޗުން ކާމިޔާބު ކުރީ އުތީމު ޓީމެވެ. ނައިބު ރައީސް ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވާފައެވެ.
