ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން 3 ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަވާއިރު، ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފައެވެ.

ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިއުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ރަސްމާލޭގެ މަޝްރޫއު ބައްލަވާލައްވަނީ

އަދި މާލޭ ސަރަހައްދުގައި ބިންހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި، ދައުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި މި ޒިޔާރަތުގައި މަޝްރޫއުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފައެވެ.