ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މިބިލަކީ، ނޮވެންބަރު 10 ވީ ހޯމަދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލުން ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއި ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރެވި، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަނޑައެޅިފައިވާނެއެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރެވި، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީ ގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައް ގަނޫނުގައި ކަނޑައެޅިފައިވާނެއެވެ.
މީގެ އިތުރުން މި ބިލުގެ ސަބަބުން ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖައާކުރުމުގެ އިތުރުން، ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނެވިގެންދާނެއެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު މި ބިލު ގާނޫނަކަށްވެ މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
