މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް ޑިޖިޓަލްކޮށް އިފްތިތާހް ކުރި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

ފަސީހް މިހެން ވިދާޅުވީ، މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަސީހް ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި އަދި ތާރީހީ ދުވަހެއް ކަމަށެވެ. މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށްވާ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށް ހިދުމަތްތައް އެހެން ހަރުފަތަކަށް ގެނެސް އެ ހުވަފެންތަކުގައި ކުލަ ޖެހޭ ދުވަސް ކަމަށެވެ.

އެގޮތުން މި ޑިޖިޓަލްކޮށް ހިދުމަތް ފޯރުކޮށް ދިނުމަށް އިމިގްރޭޝަންގެ އައިޓީ ޓީމުން ވަނީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކޮށްފައި ކަން ފަސީހު ފާހަގަ ކުރެއްވިއެވެ. އަދި އައިޓީ ޓީމަށާއި މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ އާއެކު ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. ހަމައެއާއެކު މި މަސައްކަތް މިހިސާބަށް ގެންދިއުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތްޕުޅުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެން ކަން ފާހަގަ ކުރައްވާ އިމިގްރޭޝަންގެ ނަމުގައި މިނިސްޓަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ.

މިއަދު ވަނީ އިމިގްރޭޝަންގެ އާ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އިފްތިތާހް ކޮށްފައެވެ. އޭގެ ތެރެއިން އެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަލަށް ޕާސްޕޯޓް ހެދުމަށް ހުށަހެޅޭނެ ކަމަށާއި އަދި ޕާސްޕޯޓް އާ ކުރުމަށް އެ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ފަސީޙް ވިދާޅުވިއެވެ. އެ މޮބައިލް އެޕްލިކޭޝަން ފަރުމާ ކޮށްފައި ވާނީ ރައްޔިތުންނަށް ފަސޭހަކަ ކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ކަމަށާއި ރައްޔިތުންނަށް އެ ފަރާތެއްގެ ޕާސްޕޯޓާ ގުޅުން ހުރި މައުލޫމާތުތައް ވެސް އެ އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ފަސީހު ވިދާޅުވިއެވެ.

ދިވެހި ޕާސްޕޯޓް ހިދުމަތް ފުޅާ ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 31 ރަށެއްގައި ޕާސްޕޯޓް ކަލެކްޝަން އޮފީސް ވަނީ ގާއިމް ކޮށްފައެވެ.