އުތުރުގެ ތަރައްގީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް، އަލުން ތަރައްގީކޮށް މިރޭ ހުޅުވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ. އަދި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް ޖައްސާފައިވާއިރު މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން 3 މިނެޓަށް ވަނީ ހަވާވެސް އަރުވާފައެވެ.

އެމްއޭސީއެލްއިން ހިންގާ ހަނިމާދޫ އެއާޕޯޓު އާ ޓާމިނަލްގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ތެރެއިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރި ރަންވޭ ވަނީ މިދިޔަ އަހަރު ނިންމާފައެވެ. އެގޮތުން ރަންވޭ އިންޑް ސޭފްޓީ އޭރިއާ އާއެކު މި ރަންވޭގެ ދިގު މިނުގައި ޖުމްލަ 2765 މީޓަރު ހުންނާނެއެވެ. މިއީ އެންމެ ބޮޑެތި ބޯޓު ފަހަރުތަކުގެ ތެރޭގައި ހިމެނޭ A320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

މީގެ އިތުރުން ވެސް އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އާ ޓާމިނަލެއް ތަރައްގީކޮށްފައިވާއިރު އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން އެމްއެންޑީއެފް ޕްލޮޓް އިމާރާތެއް ވެސް ގާއިމްކޮށްފައި ވެއެވެ.

އުތުރުގެ ތަރައްގީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެއެވެ.

ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި 1986 ވަނަ އަަހަރު ހަނިމާދޫ އެއާޕޯޓު ހުޅުވި ނަމަވެސް 2012 ވަނަ އަަހަރު އެ އާއާޕޯޓު ވަނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައެވެ.