ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާ، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ހުސްނީއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ފާހަގަކުރެވޭ ގޮތުގައި ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރަން ހުށަހެޅީ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުން ހުސްނީގެ ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ ޖޫން 12، 2024 ގައެވެ. އޭނާއަކީ ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ މެންބަރުންގެރިޒާ އިސްތ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.

މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަށް ބަލާއިރު، ޔަޒްމީދުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އާއި، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ހިމެނެއެވެ. ހަމައެއާއެކު ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އާއި އާންމުންގެ ފަރާތުން އިދްރީސް ފައުޒީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒް އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ގާނޫނީ ވަކީލުންގެ ފަރާތުން އަލީ އަބްދުއްލަތީފް ހިމެނެއެވެ.