ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އާ ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ފަހު ފުރުސަތު ދީފިއެވެ.
ހައުސިން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ގުޅިފަޅު ގޯތީގެ އެގްރީމަންޓް އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލެވުނު ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ދެވޭ މިއީ ފަހު ފުރުސަތުކަން ފާހަގަކޮށް ހައުސިން މިނިސްޓްރީއިން ބުނީ އެ މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް ދިނުމަށް ހަމަޖެހިފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
އެޕޮއިންޓްމަންޓްއަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ ފަރާތުގެ އައިޑީ ކާޑު ކޮޕީ
- ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ކޮޕީ.
ގޯތީގެ ރަޖިސްޓްރީ އަދި ގޯތީގެ އެއްބަސްވުންތައް ބަލައިދާއިރު ގެންދަން ޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
- ޕަވާ އޮފް އެޓާނީގެ ދަށުން ހާޒިރުވާ ފަރާތެއްނަމަ، ޕަވާ އޮފް އެޓާނީގެ އަސްލު އަދި ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު. (ޕަވާ އޮފް އެޓާނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު.
އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އަދި ބަންޑާރަ ގޯތީގެ އެއްބަސްވުމާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމުގައި ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
