ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ހުސްނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރަން ހުށަހެޅީ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރުކަމަށް ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލާފައި ވެއެވެ. އެގޮތުން ނަން ހުށަހެޅީ ހުސްނީގެ ނަން އެކަނި ކަމުން ހުސްނީގެ ނަން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އަހާފައި ވެއެވެ. އެ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުން ޖޭއެސްސީއަށް ހުސްނީ އައްޔަން ކުރަން ވަނީ ފާސްވެފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ ޖޫން 12، 2024 ގައެވެ. އޭނާއަކީ ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ މެންބަރުންގެރިޒާ އިސްތ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.

ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާ އިރު، ޖޭއެެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ މީގެ ކުރިން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައެވެ. ރިޒާ އިސްތިއުފާ ދެއްވުމާ އެކު މި ވަގުތު ޖޭއެސްސީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޔަޒްމީދެވެ.

މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަށް ބަލާއިރު، ޔަޒްމީދުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އާއި، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ހިމެނެއެވެ. ހަމައެއާއެކު ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އާއި އާންމުންގެ ފަރާތުން އިދްރީސް ފައުޒީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒް އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ގާނޫނީ ވަކީލުންގެ ފަރާތުން އަލީ އަބްދުއްލަތީފް ހިމެނެއެވެ.