ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ޖޭއެސްސީގެ މެންބަރު ކަމުންނާއި ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ރިޒާ ވަނީ ޖޭއެސްސީގެ މަގާމުން އިސްތިއުފާ ދެއްވައި އެ ކޮމިޝަނަށް ސިޓީ ފޮނުއްވަފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ ޖޫން 12، 2024 ގައެވެ. އޭނާއަކީ ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރެވެ.
ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާ އިރު، ޖޭއެެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ މީގެ ކުރިން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައެވެ. ރިޒާ އިސްތިއުފާ ދެއްވުމާ އެކު މި ވަގުތު ޖޭއެސްސީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޔަޒްމީދެވެ.
މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުންނަށް ބަލާއިރު، ޔަޒްމީދުގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އާއި، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ހިމެނެއެވެ. ހަމައެއާއެކު ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އާއި އާންމުންގެ ފަރާތުން އިދްރީސް ފައުޒީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒް އާއި ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ގާނޫނީ ވަކީލުންގެ ފަރާތުން އަލީ އަބްދުއްލަތީފް ހިމެނެއެވެ.
