އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ތާއިދުކޮށްފިއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު އައްޑޫ ސިޓީ މީދޫގައި 1002 މީހަކު ވަނީ މި އިންތިހާބުގައި ވޯޓުލާފައެވެ. އެ ގޮތުން ސިޓީ ކައުންސިލުން ވަކިވުމަށް ފެންނަކަމަށް އިންތިހާބުގައި ވޯޓުލީ 841 މީހަކު ވަނީ ވޯޓުދީފައެވެ. އަދި ވަކި ކައުންސިލެއް ހެދުމަށް ނުފެންނަކަމަށް 124 މީހަކު ވަނީ ވޯޓުދީފައެވެ. މީގެ އިތުރުން ބާތިލު 37 ވޯޓު ލާފައިވެއެވެ.
މީގެ އިތުރުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ.
ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް އީސީން މަސައްކަތްކުރަމުން އަންނައިރު މި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.
