އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުނެގުން ފަށައިފިއެވެ.

މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މިވޯޓަކީ އައްޑޫ ސިޓީ، ފޭދޫ، ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ 3 ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމުލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.

މި ވޯޓުގައި، ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި 255 މީހަކު އެކަމަށް އެދި ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވެއެވެ. ޒާހިދު ވިދާޅުވީ މިވޯޓުގައި މޮނިޓަރުންގެ ގޮތުގައި 78 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 57 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މި ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިހާބުތައްވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއްވެސް ފުރިހަމަކޮށްގެން ކަމަށް ޒާހިދު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އީސީން ވަނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަން ވެސް ހާމަކޮށްފައެވެ.