އައްޑޫ ހިތަދޫގައި ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ކަށު ނަމާދު ހުކުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގެއެއްގައި، ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، (60އ) އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، (52އ) ނިޔާވެފައި އޮއްވާ ފެނުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މީގެ ކުރިން މަޝްވަރާކުރެވުނު ނަމަވެސް އާއިލާގެ އެދުމަށް ޕޯސްޓުމޯޓަމް ނަހަދަން ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ އެ ދެ ހަށިގަނޑުވެސް އާއިލާ އާއި ހަވާލުކޮށްފައިވާއިރު އިބްރާހިމް އަބްދުﷲ ގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ހުސައިން މޫސާ މިސްކިތުގައެވެ. އަދި ފަރަހްނާޒް ރަޝީދުގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަރަދޫ ބުރުޒު މިސްކިތުގައެވެ.

ދެމީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމީހުންގެ ކުއްލި ވަކިވުމާއި އެކު އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާކަމަށާއި އެ މަރުގައި ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.