އައްޑޫ ހިތަދޫގައި ރޭ ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އޮޓޮޕްސީ ހަދަން ބޭނުން ނުވާކަމަށް އެމީހުންގެ އާއިލާއިން ބުނެފިއެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގެއެއްގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، (60އ) އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، (52އ)އެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މަޝްވަރާކުރަމުން އަންނައިރު އާއިލާއިން ވަނީ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދިނުމަށް އެދިފައެވެ. ދެމީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމީހުންގެ ކުއްލި ވަކިވުމާއި އެކު އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާކަމަށާއި އެ މަރުގައި ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އެމީހުން އޮޓޮޕްސީ ނެހެދުމަށް ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން އެދޭކަމަށާއި މި ނިންމުމަށް އިހުތިރާމު ކުރުމަށް އެދޭ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އާއިލާއިން މި ގޮތަށް އެދުނު ނަމަވެސް ފުލުހުން އަދި ވަކި ގޮތެއް ނުނިންމާތީ ދެމީހުންގެ ހަށިގަނޑު ވެސް ބާއްވާފައި އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މޯޗަރީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ދެމަފިރިން ގެ ހަދައިގެން ބަދަލުވީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ހިސާބުގައި އަދި އެއްވެސް ބަޔަކު ދިރިއުޅެން ފަށާފައިނުވާއިރު، އެ ހިސާބަށް އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައެއްވެސް ނުވެއެވެ، އެހެންކަމުން އެގޭގައި ކަރަންޓު ނެގުމަށް ޖަނެރޭޓަރެއް ބޭނުންކުރަމުން އަންނައިރު ބައެއް ފަރާތްތަކުން ވަނީ އެ ދެމަފިރިން މަރުވީ ގޭތެރޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުގެ ދުމުގެ ސަބަބުން އޮކްސިޖެން ދަށްވެގެން ކަމުގައި ބުނެފައެވެ. އެހެންނަމަވެސް އައި ރަސްމީ އެއްވެސް އިދާރާއަކުން ދެމަފިރިން މަރުވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.