ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކު ސަރަހައްދު ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރާފްޓް ކުރި ދެ ބިލަކަށް ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުން ރުހުންދިނުން ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރާފްޓް ކުރި ދެ ބިލަކަށް ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ގާނޫނާއި ހަމަތަކާ ހިލާފަށް ހިފާފައިވާ ހައްގު ނޫން ސަރަހައްދެއް މިލްކުކުރަން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ޔަހޫދީން ނިންމި މި ނިންމުން ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ހިންގާފައިވާ އެންމެހައި ޖަރީމާތަކާއި ލާއިންސާނީ އަމަލުތަކަށް ޔަހޫދީން ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ ދުނިޔެއަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ފަލަސްތީން ދައުލަތެއް ގާއިމުވެގެން ދިއުމަށް ކަމަށް އެ ބާޔާނުގައި ބުނެފައި ވެއެވެ.

ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކު، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރާފްޓް ކުރި ދެ ބިލު ގާނޫނަކަށް ހެދުމަށް 4 ވޯޓަކަށް އަހާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ވޯޓުގައި ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ބިލަށް ރުހުން ދީފައެވެ.