މާލީ ތަނަވަސްކަން ހުރި ނަމަވެސް، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިވާނަމަ، ބަދަލުގައި އެހެން މީހެއް ހައްޖަށް ފޮނުވޭ ގޮތް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުން ހައްޖަށް ނުފޮނުވުމަކީ ސައުދީ އަރަބިއްޔާއިން އަބަދުވެސް ގެންގުޅޭ އުސޫލެއް ކަމަށެވެ. މިދިޔަ ސަރުކާރުން ހައްޖު ކޯޓާއިން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް 5 އިންސައްތަ ހާއްސަކުރަން ނިންމީ އެ އުސޫލާ ހިލާފަށް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މާލީ ގާބިލުކަން ހުރެ، ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ހައްޖަށްދާން ނުކުޅެދޭ މީހުންގެ ބަދަލުގައި ހައްޖު ކޮށްދިނުމަށް އެހެން މީހަކު ފޮނުވިދާނެކަމަށް އިލްމުވެރިން ބަޔާންކޮށްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި އަދި ބަލިމީހާއަށާއި ނުކުޅެދޭ މީހުންނަށްވެސް ހިދުމަތް ލިބޭނެ ގޮތަކަށް ހަމަހަމަ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައުދީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ހައްޖު މޫސުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖުވިސާ ނުދޭގޮތަށް ނިންމާފައެވެ. އެކަން އެ ގޮތަށް ނިންމާފައިވަނީ ހައްޖަށްދާ މީހުންނަށް ހައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންކަމށް ސައުދީ ސަރުކާރުން ބުނެފައިވާއިރު މިކަމާއި ގުޅިގެން އެކުލާވާލި އުސޫލްތައް ސައުދީން ވަނީ ހައްޖުވެރިން ދަތުރުކުރާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލައި މެޑިކަލް ޓެސްޓްތައް ހެދުމަށް އަންގާނެކަމަށެވެ.