އެމްޕީއެލްގެ ޕޯޓުގައި ހުއްޓާ ދެ ކޮންޓޭނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި 4 މީހުން ވެސް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އެވެ.
މީގެ އިތުރުން ވެސް ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގައި ހުރި ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު ވެސް މި މައްސަލައިގައި ހައްޔަރުކޮށްފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އެ ހަތަރު މީހުން ބަންދުކޮށްފައި ވަނީ:
- މުހައްމަދު ވަހީދު (ދިގަލި) - 10 ދުވަހަށް.
- އަހުމަދު އާރިފް (އާއްޓޭ) - 15 ދުވަހަށް.
- ޒިވާރު އިސްމާއިލް - 15 ދުވަހަށް.
- މުއާޒް އަލީ - 5 ދުވަހަށް.
މި މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލު ހާމަކޮށްފައި ނުވެއެވެ.
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ރޭ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.
އަދި އެމްޕީއެލް އިން ވެސް ބުނީ މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް ފަށައިފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށާއި އެންމެ ބޮޑު އަމާޒަކީ ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏަށް އޮތް އިތުބާރު ދެމެހެއްޓުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.