އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ތަޖިކިސްތާނު ވާދަ ކުރި ދެވަނަ މެޗުވެ ތަޖިކިސްތާނު ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިމެޗު ފަށައިގެން މާ ގިނަ އިރެއް ނުވެ ތަޖިކިސްތާނުން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ރާއްޖޭގެ ކީޕަރު ސަލާމަތް ކުރުމުން ނިކުތް ބޯޅަ ރާއްޖޭގެ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތަޖިކިސްތާނުން އިތުރު ލަނޑެއް ޖަހާ އެޓީމުގެ ލީޑު ފުޅާ ކުރިއެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ތަޖިކިސްތާނުން އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައެވެ.

ދެއަހަރަށް ފަހު ދިވެހި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ގައުމީ ޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ވެސް ފެނިގެން ދިޔައެވެ. ތިން ހާހަށް ވުރެ ގިނަ މީހުން މެޗު ބެލުމަށް ދަނޑަށް ވަތް އިރު ޓީމުގެ ދިފާއީ ކުޅުން ވަރުގަދަ ކުރަން ޖެހޭ ކަން މިމެޗުން ރަނގަޅަށް ފާހަގަވެގެން ދިޔައެވެ.

މި ދެޓީމުގެ ދެމެދު ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވީ ތަޖިކިސްތާނެވެ. އެރަށުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ.

އޭފްސީ ކުއަލިފައިންގެ ގްރޫޕް އޭގައި ތަޖިކިސްތާނާ ރާއްޖޭގެ އިތުރުން ފިލިޕީންސް އަދި ޓީމޯ ލެސްޓް ހިމެނޭ އިރު 10 ޕޮއިންޓާއެކު ކުރީގައި އޮތީ ތަޖިކިސްތާނާ ފިލިޕީންސެވެ. ޓީމޯ ލެސްޓް ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތް އިރު އެއްވެސް ޕޮއިންޓެއް ނެތި އެންމެ ފުލުގައި އޮތީ ރާއްޖެއެވެ.

މި ގްރޫޕްގައި ދެން ރާއްޖެއިން މެޗެއް ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާލޭގައެވެ.