އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ވޯޓުގައި، ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު 2025 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިއަދު އާންމުކޮށްފައިވާކަމަށެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓު އަދި، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ މިއަދުން ފެށިގެން އޮކްޓޯބަރު 12، 2025ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމށް ކޮމިޝަނުން ވަނީ ބުނެފައެވެ. އިތުރަށް އެ ކޮމިޝަނުން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޝަކުވާ ފޯމުން ކަމަށާއި މި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާ އާންމު ވޯޓާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ސަރުކާރުން މި ވޯޓުގައި ވަކި ސްޓޭންޑެއް ނުނަގާނެކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައި ވާ ގޮތަށް ބަދަލު ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވުމާއެކު މި ހިނގާ އޮކްޓޯބަރު މަހުގެ 24 ނުވަތަ 25 ގައި އެ ވޯޓު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.